ޚަބަރު

މާދަމާއަކީ ފިތުރު އީދު ދުވަސް

‎މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހަނދު ކޮމިޓީގެ ބައްދަލުވުމުގައި އެކަން ވަނީ އިއުލާންކޮށްފައެވެ.

ޖޫން މަހުގެ ތިނެއްވާ ހޯމަ ދުވަހުގެ އިރުއޮއްސުމަށްފަހު ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށާއި ގިނަ އިސްލާމީ ގައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހުޅަވި ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ޔަގީންވާތީއާއި އިސްލާމީ ބައެއް ގައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ހަބަރު ރަސްމީގޮތުން ލިބިފައިވާތީއާއި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖޭގެ އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ، މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ހަތަރެއްވާ އަންގާރަ ދުވަހަކީ 1440 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ އިއުލާންކޮށްފައެވެ.

މާދަމާއަކީ އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމާއެކު އެމްއެންޑީއެފް އިން ވަނީ ބަޑިޖަހައިފައެވެ. ބަޑިޖެހުން ކުރިއަށްގޮސްފައިވަނީ ޖުމްހޫރީ މައިދާނުގެ އިއްޒުއްދީން ފާލަން ސަރަހައްދުގައެވެ.