ޝަހީދާ އަބްދުﷲ ސައީދު
މުސްތަގުބަލުގައި ދައުލަތުގެ ބަންޑާރަ ނައިބު ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރައްވާނެ ކަމަށް އުންމީދު ކުރާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފިއެވެ.
ޑީޖޭއޭއިން މިހެން ބުނެފައި މިވަނީ ޔޮހާން ކްރީގްލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ފަނޑިޔާރުންނަށް އިންޒާރު ދެއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެކަމަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ.
ޕީއެސްއެމްއަށް ބަންޑާރަ ނައިބު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި އިހުތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ޔޮހާން ކްރީގްލަރގެ ނަމަށް ހުތުރުވާ ގޮތަށް ސުޕްރީމް ކޯޓުން ނޫސްބަޔާން ނެރުމަކީ ފަނޑިޔާރުގެއާ މެދު ގެއްލިފައިވާ އިތުބާރު ހޯދޭނެކަމެއް ނޫންކަމަށެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ދައުލަތުގެ އެއްބާރު އަނެއް ބާރުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެއް މުއައްސަސާއިން އަނެއް މުއައްސަސާގެ އަގުވެއްޓޭ ފަދަ އަމަލުތައް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި އެއްބަޔަކު އަނެއް ބައެއްގެ މަސައްކަތަކަށް އެއްބާރުލުންދީ އިހުތިރާމްވެސް ކުރަންޖެހޭނެ ކަމަށް މާޖިދު ވިދާޅުވިއެވެ.
އަދި ދައުލަތުގެ ބަންޑާރަ ނައިބުގެ މަސައްކަތް ކުރައްވަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތް ކުރައްވަންވީ ގޮތް ކަނޑައަޅައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.
އަދި އޭގެ ތެރޭގައި ބަންޑާރަ ނައިބަކީ މިނިވަން ކަމާއެކު ވަކިކޮޅަކަށް ނުޖެހި މަސައްކަތްކުރައްވަންޖެހޭ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބަންޑާރަ ނައިބުވެސް މަސައްކަތް ކުރައްވަންވާނީ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ ދައުލަތުގެ ހުރިހާ އިދާރާއަކާއި އަދި ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެއް އިދާރާއަކުން އަނެއް އިދާރާއެއްގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް މާޖިދު ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ ކްރީގްލާއާ އެކު ވަކިން ބައްދަލު ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެދިވަޑައިގަތް ކަމަށް ބަންޑާރަ ނައިބު މީޑިއާގައި ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތާ ޚިލާފް މައުލޫމާތެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ބޭފުޅަކު ވެސް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖައްސައި ނަން ވެސް ފޮނުވި ކަމަށާއި އެކަމަކު ބައްދަލުވުމަށް ވަޑައިގަތީ ކްރީގްލާ އެކަނި ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.