ޖަލު އޯޑިޓްރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ބެލުމަށް ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.
ހޯމްމިނިސްޓްރީން މިއަދު ބުނީ، "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި އިސްލާހްކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި އިސްލާހުތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީ މިއަދު އެކުލަވައިލައްވައިވާ ކަމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް އަލީ ނަޒީރުއާއި އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަހްމަދު މުހައްމަދު ފުޅު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ގެ އިތުރުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވައިލުމެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކުގެ ކަންކަން އިސްލާހްކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއެކު ގައިދީންގެ އިންސާނީ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.