ޚަބަރު

ކަރެކްޝަންސްގެ ފަރާތުން އެކަށީގެންވާ ފަރުވާ ނުލިބުނު މީހެއްގެ އިނގިލިތައް ބުރިކޮށްފި

އަހުމަދު ޖައިޝަން

ހުކުމްކޮށް ހަތް މަހަށް ޖަލަށްލި ޅ. ނައިފަރު، އަހުމަދު ނާފިއު އަށް ޖަލުގައި އެކަށީގެންވާ ފަރުވާއެއް ނުލިބުމުގެ ސަބަބުން އޭނާގެ ފައިގައި ހަލާކުވެފައި ހުރި އިނގިލިތަކެއް ބުރިކޮށްލަން ޖެހިއްޖެ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދިން ނާފިއުގެ އާއިލާގެ މެމްބަރެއް ކަމަށްވާ މުހައްމަދު ނާޒިމް ބުނީ ހަތް މަހަށް ޖަލަށް ލި ނާފިއުއަށް ފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލު ވެފައިވާ ކަމަށެވެ.

އޭނާ ބުނީ ނާފިއު ޖަލަށްލި އިރު އޭނާގެ އިނގިލަތުގައި މައްސަލައެއް އުޅޭ ކަމަށެވެ. ނަމަވެސް އެންމެ ފުރަތަަމަ ވެސް ކަރެކްޝަނަލްސް އިން އޭނާއަށް ޑޮކްޓަރަށް ދެއްކުމުގެ ހުއްދަ ދީފައި ވަނީ ތިން މަސް ވި ފަހުން ކަމަށް ނާޒިމް ބުންޏެވެ.

"ފައިގައި ގަދައަށް ރިއްސާތީ އާއި ފޮޅު ނަގާފައި ހުރި އިނގިލި ގިރާތީ ޑޮކްޓަރަށް ދައްކަން އެތައް ފަހަރަކު އެދިގެން އައިޖީއެމްއެޗަށް ގެންގޮސް އާދައިގެ ޑޮކްޓަރަކަށް ދައްކައިދިނީވެސް،" ނާޒިމް ބުންޏެވެ.

ނާޒިމް ބުނީ ނާފިއު ޖަލުން ދޫކޮށްލި އިރު އޭނާގެ އިނގިލިތަކުގެ ހާލަތު ގޯސްވެގެން ހިނގޭވަރު ވެސް ނުވާ ކަމަށެވެ. އެއާއެކު އޭނާ އޭޑީކޭއަށް ގެންގޮސް ފަރުވާ ދިނީ އައިޖީއެމްއެޗް އިން އެކަމަށް ފަރުވާ ދެވެން ނެތީމައެވެ.

ނާޒިމް ބުނީ އެކަމާ ގުޅިގެން ނާފިއު ހޮސްޕިޓަލަށް ގެންގޮސް ދެ ފައިން ވެސް އިނގިލި ބުރިކޮށްފައިވާ ކަމަށެވެ.

"ކަނާއަތު ފައިގެ ހަތަރު އިނގިލި، އެއީ ބޮޑުވައި އިނގިލީގެ އެއް ބައި ލައިގެން. ވާއަތު ފައިގެ ދެ އިނގިއްޔެއް ވެސް ވަނީ ބުރިކޮށްލާފައި." ނާޒިމް ބުންޏެވެ.

ނާފިއު އޭޑީކޭގައި އެޑްމިޓްކުރީ މިދިޔަ މަހުގައެވެ. އަދި އޭނާ އިއްޔެ ދޫކޮށްލާފައި ވާއިރު އޭނާގެ ވައަތު ފައިގެ އޮޕަރޭޝަނެއް ކުރަން ޖެހެއެވެ.

ނާޒިމް ބުނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ނާފިއުގެ އޮޕަރޭޝަނަށް ބޭނުންވާ ބައެއް ސާމާނާ އެކު އިންޑިއާއިން ޑޮކްޓަރަކު ގެނެސްގެން އެކަން ކުރަން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ބުނީ ނާފިއުއަށް އެފަދަ ހާލަތެއް މެދުވެރި މިވީ ކަރެކްޝަންސް ގެ އިހުމާލުން ކަމަށާއި ތިން ކުދީންގެ ބައްޕައަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

"އޭނާގެ އެއް ދަރިއަކީ ނުކުޅެދޭ ކުއްޖެއް. މިއަދު ނާފިއު އެއިނީ ނުކުޅެދޭ ކުއްޖަކަށް ވެފައި. އެހެން ވީމާ އޭނާއަށް ލިބެން ޖެހޭ ހައްގުތައް ހޯދުމަށް ދައުވާ ކުރާނަން،" ނާޒިމް ބުންނެވެ.

އެ މައްސަލަައާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.