ޚަބަރު

ހުޅުދޫގައި ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށް އިންޑިއާއިން އެހީ ދީފި

މަރިޔަމް ޝަހުދާ

ސ. ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީއިން ކަނޑައަޅައިފިއެވެ.

އިންޑިއާ ސަރުކާރުން މިއަހަރުގެ މާޗްމަހު ރާއްޖެއަށް ވަނީ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދީފައެވެ. މީގެ ތެރެއިން ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށް ހަރަދު ކުރުމަށް ހަމަޖައްސާފައި ވަނީ 6 މިލިއަން ދިވެހި ރުފިޔާ އެވެ.

މި މަޝްރޫއުގައި އައްޑޫގެ ހިތަދޫގައި އަޅާ ސެންޓަރުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކަށް ހިދުމަތް ދޭނެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ހުޅުދޫގައި ގާއިމް ކުރާ މި ރިހެބިލިޓޭޝަން ސެންޓަރު ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހިނގުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ. އެގޮތުން އެ ތަނުގައި މަސައްކަތް ކުރާ ކައުންސެލަރުންނާއި ސޯޝަލް ވޯކަރުންނާއި އެހެނިހެން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަގު ފަހިކޮށްދޭނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދިނެވެ.

އައްޑޫ ސިޓީ ހުޅުދޫގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ، ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތައް ވަރަށް ގިނައެވެ. ނަމަވެސް އެފަދަ ފަރަތްތަކަށް ފަރުވާދޭނެ ސެންޓަރެއް މިވަގުތު ހިތަދޫގައި ގާއިމްވެފައެއް ނެތެވެ.