ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖަރުމަންވިލާތަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ޖޫން 4ގައި ބާއްވާ ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ޖަރުމަންވިލާތަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ހަތަރުވަނަ ޖަރމަން-އޭޝިއަން ބިޒްނަސް ޑައިލޮގްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކުން ރައްކާތެރިވުމަށާއި، ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ގައުމުތަކުގެ އިސްވެރިންނާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކާއި ޕްރައިވެޓް ސެކްޓާތަކާއި ސިވިލް ސޮސައިޓީ އަދި ސައިންޓިފިކް ކޮމިޔުނިޓީތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.