ޚަބަރު

ދިރިއުޅުމުގެ "ގައިޑްބުކް" އަކަށް ހަދަން ޖެހޭނީ ކީރިތި ގުރުއާން، އުޅުން ބައްޓަންކުރަންވީ އެންގެވި ގޮތަށް: ރައީސް

ދިރިއުޅުމުގެ "ގައިޑްބުކް" އަކަށް ހަދަން ޖެހޭނީ ކީރިތި ގުރުއާން ކަމަށާއި އުޅުން ބައްޓަންކުރަންވީ ގުރުއާނުގައި އެންގެވި ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަގީގީ ވިސްނުމަކަށް ވާން ޖެހޭނީ ކޮންމެ ދުވަހެއްގެ، ކޮންމެ ވަގުތެއްގެ ވެސް އަމަލީގޮތުން ކަންކަން ބައްޓަން ކުރުމުގައި ބޭނުންކުރާ އެއްޗަކީ ކީރިތި ގުރުއާންކަމުގައި ހެދުން ކަމަށާއި ގުރުއާން ހިތުދަސް ކުރުމަކުން ނުވަތަ ދަސްކުރުމުން އެކަނި ނިންމައެއް ނުލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައިޑްބުކް އަކީ، އަޅުގަނޑުމެން އަމަލީގޮތުން ކަންކަން ކުރާ އިރު، ކަންކަން ކުރަންވީ ގޮތް ބަލައި، ކަންކަން ކުރަންވީ ދަސްކުރާ ފޮތަކަށް ވާންވީ ﷲ ސުބުހާނަހޫ ވަތައާލާ އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތް ކީރިތި ގުރުއާން. އެއީ ޕްރެކްޓިކަލް ފޮތެއް، އަމަލީ ފޮތެއް. އެއީ ހަމައެކަނި މިފަދަ ޖަލްސާތަކުގައި ކިޔަވާލަަން އޮންނަ ސެރަމޯނިއަލް ފޮތެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މުޖުތަމައުގައި ފެންނަނީ އަބުރަށް އަރައިގަތުމާއި އިންތިހާއަށް ދޮގު ވާހަކަތައް ފެތުރުން ފަދަ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަންކަން ކުރަމުންދާ މަންޒަރު ކަމަށާއި ހިތަށް އެރިހާ އެއްޗެއް ކިޔައި އަބުރަށް އަރައިގަތުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށެވެ. އަދި ހައްގުތަކާއެކު ހުދޫދުތަކެއް ވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ގައުމު، އަޅުގަނޑުމެންގެ އަމިއްލަ ނަފުސު އިސްލާހު ނުކުރަންޏާ އަޅުގަނޑުމެންނަކަށް މާދަން ކަމެއް މިއަދު ކަމެއް ނޭނގެ މި ގައުމު ދޫކުރާނީ. ސަލާމަތެއް ނޯންނާނެ. އަޅުގަނޑުމެން މި ގައުމު ހަމަ މަގަށް ގެންދަންޏާ ވެސް އަޅުގަނޑުމެންގެ އަމިއްލަ ނަފުސު އިސްލާހުކުރަން އެބަ ޖެހޭ ނޫންތޯ މިގޮތުން. އަޅުގަނޑުމެންގެ މުޖުތަމައު މިއޮތީ މި ދެންނެވިގޮތަށް މިކަހަލަ ނުބައި ވަބާތަކާއި ސިފަތަކުގެ ތެރެއިން ޣަރަގުވެގެން މިއޮތް ދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ކަންތައްތައް ބައްޓަންކުރާ ބަޔަކަށްވުމަށް އިލްތިމާސްކުރައްވާ ކަމަށާއި އަނެކާއަށް ވެސް އޯގާވެރި ކުލުނުވެރި މުޖުތަމައެއް ބައްޓަންކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އޭރުން މުޅި ގައުމު ވެގެންދާނީ މިސާލެއް ފަދަ ތަނަކަށް ވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.