ޚަބަރު

އިންޑިޔާގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ އާދިއްތަ ދުވަހު ބުރިޖް ބަންދު ކުރަނީ

އިބްރާހިމް ޒަކީ

އިންޑީޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަުރު ފުޅާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކަނޑައެޅޭ ގަޑިއެއްގައި ސިނަމާލެ ބްރިޖް ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރު ފުޅާ ގުޅިގެން، ސަލާމަތީގޮތުން އަޅަން ހަމަނަޖެހިފައިވާ ބައެެއް ފިޔަވަޅުތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ މިއަދު ވިދާޅުވީ، ބުރިޖް ބަންދު ކުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ ނުވައެއްވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 10:00 އަށް ކަމަށެވެ.

އޭނާ ވިދާޅުވީ، މޯދީގެ ދަތުރުފުޅާ ގުޅުގެން މިމަހުގެ އަށްވަނަ ދުވަހުގެ 12:00 އިން ފެށިގެން ގްރީސްޒޯން ހިމެނޭ ސަރަހއްދުވެސް ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ގްރީންޒޯން ސަރަހައްދު ބަންދު ކުރުމަށް ހަމަޖެހިފައިވަނީ، ސޯސަންމަގުން ފެށިގެން ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭގޮތަށް ސޯލްޓް ރެސްޓޯރެންޓާ ހަމައަށް ކަމަށް މޫސާ އަލީ ވިދާޅުވިއެވެ.

މިމަހު ހަތްވަނަ ދުވަހު ރަސްމީ ދަތުރު ފުޅެއްގައި އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރު ފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހު އަށެއްވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ގައި ކަމަށެވެ. އަދި މި ޖަލްސާގައި ބައިވެރިވުމަށް ކެބިނެޓު މިނިސްޓަރުންނާއި ރާއްޖޭގައި ގާއިމްވެ ތިބޭ ސަފީރުންނަށް ދައުވަތު ދެއްވާނެކަމަށް ނިއުޝާ ވިދާޅުވިއެވެ