ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުމަށް ހެރިޓޭޖް މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ހެރިޓޭޖް މިނިސްޓްރީން މިރޭ ބުނީ އެ މަސައްކަތް ނިމިގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް އެ މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ އަމާޒެއް ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީން ވަނީ މިމަހުގެ ދިހަވަނަ ދުވަހު އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްގީކުރުމުގެ މަޝްރޫއުގައި ވެސް އާރުޑީސީއާއެކު ސޮއިކޮށްފައެވެ.