ޚަބަރު

އީދު ބަންދުގައި ވައްކަން ކުރުން މަދު ކުރަން ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސް ކޮށްފި

އިބްރާހިމް ޒަކީ

ފިތުރު އީދު ބަންދުގައި ވައްކަން ކުރުން މަދު ކުރުމަށް، ސަލާމަތީ ކަންތައްތަކަށް ސަމާލު ވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

އީދުބަންދުގައި މާލޭސިޓީގެ ސަލާމަތީ ކަންކަމާބެހޭގޮތުން ފުލުހުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މައުލޫމާތު ދިނުމަށް، މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ޗީފް ސްޕްރިންޓެންޑެންްޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، ވޭތުވެދިޔަތިން އަހަރަށް ބަލާއިރު ވެސް އީދުބަންދާއި އީދު ދުވަހު އެންމެ ގިނައިން ހިނގާފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ.

އެ މައްސަލަތައް ކުޑަ ކުރުމަށް އީދު ބަންދުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާކަމަށް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މާލޭ ސިޓީ 4 ނެއިބަ ހުޑަކަށް ބަހާލައިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގާނަށް، އެ އޮޕަރޭޝަން ތަކުގައި، ޕެޓްރޯލް ކުރުން އިތުރުކޮށް ވަރުގަދަ ކުރުމަށް ވަނީ ރޭވިފަ،" މޫސާ އަލީ ވިދާޅުވިއެވެ.

އީދު ބަންދުގައި ވައްކަން މަދު ކުރުމަށް ފަރުދީ ހައިސިއްޔަތުން ސަމާލުކަން ދޭންވީ ކަންކަންވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

ޗީފް ސްޕްރިންޓެންޑެންްޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، އީދު ބަންދުގައި، ގެސްޓްހައުސްތަކުގައި ތިބޭ މީހުންނާ ބައްދަލުކުރަން އަންނަ މީހުންގެ އައިޑީކާޑު ނަމްބަރު ނޯޓު ކުރުމަށްފަހު ބައްދަލު ކުރުމަށް ފުރުސަތުދިނުމުގެ ނިޒާމެއް ގާއިމް ކުރުމާއި، ސީސީޓީވީ ކެމެރާތައް ރަނގަލު ކުރުމަކީ ސަލާމަތީ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއް ކަމަށެވެ.

އަދި އީދުބަންދަށް ބޭބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާއިރު، ގޭގައި ފައިސާ ނުބެހެއްޓުމަށާއި، ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި، ސީސީޓީވީ ކެމެރާގެ ބޭނުން ހިފުމާއި، އިމާރާތްތަކުގެ ހުރިހާ ލައިޓެއް ނިވާލުމުގެ ބަދަލުގައި ކޮންމެވެސް ވަރެއްގެ އަލިކަމެއް ބެހެއްޓުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ. އަދި ފަސޭހައިިން އެރޭފަދަ އިމާރާތްތަކާ ކައިރީގައި ހުންނަ ގޭގޭމީހުންވެސް ސަލާމަތީގޮތުން އެޅޭނެ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ އީދު ބަންދުގައި މާލެއަށް ޒިޔާރަތް ކުރައްވާ ބޭފުޅުންވެސް ޖީބުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅުމުގެ ބަދަލުގައި ކޭޝްކާޑު ބޭނުންކުރެއްވުން މުހިންމު ކަމަށެވެ. އަދި ފިހާރަތައް ބަނދު ކުރާއިރުވެސް ވަތްގަނޑު ތަކުގައި ފައިސާ ބެހެއްޓުމުގެ ބަދަލުގައި އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް ސަމާލުކަން ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.