ޝަހީދާ އަބްދުﷲ ސައީދު
ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ދީފިއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް ދީފައިވަނީ 8 މިލިއަން ދިވެހި ރުފިޔާއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިންގާ މަޝްރޫއުއެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 25 މެޓްރިކް ޓަނުގެ ދެ އައިސް ޕްލާންޓް މަސްވެރިކަން ކުރާ ފަރާތްތައް ގިނަ ދެ ރަށެއްގައި ބެހެއްޓޭނެއެވެ. އައިސް ޕްލާންޓުތައް ބެހެއްޓުމުގެ ސަބަބުން އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މި ޕްރޮޖެކްޓުގެ ދަށުން އައިސް ޕްލާންޓް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީންކުރެވޭނެއެވެ.
އިޖްތިމާއީ އިގުތިސޯދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.