ޝަހީދާ އަބްދުﷲ ސައީދު
ބ. ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީއެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާކަމަށެވެ.
ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން ކުރީގެ ފެހެންދޫ ސްކޫލް ބަންދުކުރުމާ ގުޅިގެން، ފެހެންދޫ ކިޔަވާކުދިން ތައުލީމު އުގެނެމުން ދަނީ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ ސްކޫލަށް ކުޑަ ޑިންގީއެއްގައެވެ.
މިވަގުތު ކުދިން ދަތުރުކުރަމުންދާ ފެރީ ހަމަޖައްސާފައި ވަނީ ކައުންސިލާއި ދަރިވަރުންގެ ބެލެނިވެރިން ގުޅިގެންނެވެ. ނަމަވެސް މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުން ދިއުމާއެކު ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފާނެ ކަމަށް ބެލެވޭކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މި ޕްރޮޖެކްޓުގެ ދަށުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދި، އެއްވެސް ހުރަހެއް ނެތި ފެހެންދޫގެ ކިޔަވާ ކުދިންނަށް ސްކޫލަށް ދެވޭނެ މަގު ފަހިވެގެންދާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އިޖްތިމާއީ، އިގްތިސޯދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.