ރާއްޖޭގައި ޓީބީގެ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޓީބީ ނައްތާލުމަށް ކަނޑައަޅާ އަޒުމުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މެސެޖުގައި ވަނީ، ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70 ޕަސަންޓު އިތުރުކުރުމުގެ އަމާޒާއި އެ ބައްޔަށް ފަރުވާ ދެވޭ މިންވަރު 85 ޕަސަންޓަށް އިތުރުކުރުމުގެ އަމާޒަށް ވާސިލުވެފައިވާ ފަސް ގައުމުގެ ތެރެއިން އެއް ގައުމުކަމުގައި 1998 ވަނަ އަހަރުއްސުރެ ރާއްޖެ ހިމެނިފައިވުމުން ދައްކުވައިދެނީ ރާއްޖޭގެ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ކާމިޔާބުކަމާއި ސިއްހީ ދާއިރާގެ ފަންނީ މަސައްކަތްތެރީން އެ ކަމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް، ޓީބީ އަވަހަށް ދެނެގަތުމުގައްޔާއި ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، މި އަހަރުގެ ފަހުގެ ކޭސްތަކަށް ޓިއުބަކުލޯކިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ޓީބީ ހުއްޓުވުމާއި ބައްޔަށް ސްކްރީން ކުރުމާއި ބަލި ޑައަގްނޯޒްކޮށް ފަރުވާދިނުން، ރާއްޖޭގެ އަސާސީ ސިއްހީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން، އެ ބައްޔަށް ލިބޭ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މެސެޖުގައި ވަނީ މުސްތަގުބަލުގެ ޖީލުތަކށް ޓީބީއިން ސަލާމަތްވެފައިވާ ދުޅަަހެޔޮ ރާއްޖެއެއް ބިނާކޮށްދިނުމށް އެކުގައި މަސއްކަތްކުރުމަށް އިލްތިމާސްކުރައްވައިފައި ކަމަށެވެ.