ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ރާއްޖެއަށް ވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހެނދުނު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ މައްކާގައި މިދިޔަ މަހުގެ 31ގައި ބޭއްވި އޯއައިސީ ސަމިޓުގައި މަޝްވަރާކުރި މުހިންމު މައްސަލަތަކުގެ ތެރޭގައި އަދުގެ ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ މައްސަލައާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

މައްކާގައި ބޭއްވި މި ސަމިޓަށް ރައީސް ސޯލިހު ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވައިފައެވެ. މިގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި މުސްލިމު އުންމަތުގެ ލާބައާއި މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައި ވެއެވެ. މީގެއިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަދި ވަކީން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ރައީސުލްޖުމްހޫރިއްޔާގެ ހުށައެޅުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިތުރު އީދުގެ އުފާ ފާހަގަކުރުމަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ އުންމަތުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް އެދި ﷲ ގެ ހަޟުރަތުގައި ދުއާ ދެންނެވުމަށް އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި އެންމެހައި މުސްލިމުންގެ ކިބައިން އެދިވަޑައިގެންފައި އެވެ.