މާލޭގެ މަޝްހޫރު ކެފޭ އައުޓްލެޓް ކުންފުންޏެއް ކަމަށްވާ "ނިއުޕޯޓް މޯލްޑިވްސް"ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޒާހިދު ރަމީޒު ވަކިވެވަޑައިގަންނަވަން ނިންމައިފިއެވެ.
ޒާހިދު މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނިއުޕޯޓްގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު އެމްޑީގެ މަގާމުގެ އިތުރުން އެ ބްރޭންޑާ ދުރަށް ވަޑައިގަތުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.
ޒާހިދު ވިދާޅުވީ ނިއުޕޯޓް ބްރޭންޑަށް އޭނާ ގެންގުޅުއްވި ތަސައްވަރަކީ ކަސްޓަމަރުންނަށް އާ ރަހަތަކާއި އާ ތަޖުރިބާތަކެއް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ނަން ހިނގާ ބްރޭންޑްތަކާއި މަތީ ފަންތީގެ ހިދުމަތްތަކާއި އާ ރަހަތަކާއި ތަޖުރިބާތައް ދިވެހީންނަށް ގެނެސްދިން ބަޔަކަށް ނިއުޕޯޓް ވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުޕޯޓް ބްރޭންޑާ ވަކިވާން ނިންމެވި ސަަބަބެއް ކަމުގައި އޭނާ ވިދާޅުވެފައި ވަނީ ކުންފުންޏަށް އިތުރު ކުރިއެރުންތަކެއް ހޯއްދަވައި ދެއްވުން ކަމަށެވެ.
"ފާހަގަކޮށްލެވޭ ފަދަ ފޮނި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، ބްރޭންޑް އިތުރަށް ފުޅާވެ ކާމިޔާބީ ހާސިލުކުރެވޭނީ، އަޅުގަނޑު އެއް ފަރާތަކަށް ޖެހިގެންކަން އަޅުގަނޑު ހެޔޮ ހިތުން ގަބޫލުކުރަމެވެ." ޒާހިދުގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ނިއުޕޯޓް އިން އެއްކޮށް ވަކިވެވަޑައިގަންނަވަން ނިންމެވި ނަމަވެސް އެ ބްރޭންޑުގެ ކުރިމަގު އުޖާލާ ވާނެކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.
އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ނިއުޕޯޓް ތައާރަފްކުރީ 1980 ގައެވެ. އެއަށްފަހު ޒަމާނީ ކެފޭ އާއި ރެސްޓޯރެންޓްގެ އައުޓްލެޓް ތައާރަފުކޮށް ނިއުޕޯޓް މޯލްޑިވްސް ވަނީ އިތުރަށް ފުޅާކޮށްފައެވެ. މިހާރު ނިއުޕޯޓް އިން ރެސްޓޯރެންޓާއި ކެފޭގެ އިތުރުން ކޭޓަރިންގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ.
ޒާހިދު ނިއުޕޯޓުގެ އެމްޑީ ކަމުން ވަކިވެވަޑައިގަންނަވަން ނިންމެވި އިރު، ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏަށް ސަރުކާރުން ދޫކުރަން އުޅުނު ފައިސާތަކެއް އޭސީސީން ވަނީ ހުއްޓުވައިފަ އެވެ.