ބައިނަލްއަގުވާމީ ފެންވަރުގައި އިހުތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ޔޮހާން ކްރީގްލަރގެ ނަމަށް ހުތުރުވާ ގޮތަށް ސުޕްރީމް ކޯޓުން ނޫސްބަޔާން ނެރުމަކީ ފަނޑިޔާރުގެއާ މެދު ގެއްލިފައިވާ އިތުބާރު ހޯދޭނެކަމެއް ނޫންކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު ރިފްއަތު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ޝަރުއީ ނިޒާމާ ބެހޭގޮތުން ދިރާސާކުރެއްވުމަށް ރާއްޖެވަޑައިގެން އުޅުއްވާ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލަރ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކާފައިވާކަމަށް ބުނެ، ސުޕްރީމް ކޯޓުން ނޫސް ބަޔާނެއް ނެރުއްވާފައިވަނިކޮށެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ބަންޑާރަ ނާއިބު ވިދާޅުވީ އދ.ގެ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިވެގެން ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައި ދުނިޔޭގެ ފެންވަރުގައި އިހްތިރާމް ހޯދާފައިވާ ފަނޑިޔާރެއްގެ ނަންފުޅަށް ހުތުރުވާގޮތަށް ސުޕްރީމް ކޯޓުން ނޫސްބަޔާންނެރުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި ފަނޑިޔާރުގެ އިސްލާހުކުރުމަކީ މި ސަރުކާރާއި އެޖެންޑާ 19 އިން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ފަނޑިޔާރުގެ އިސްލާހުކުރަންޖެހޭ ކަމަށް އދ.އާއި އީޔޫ އަދި އެނޫންވެސް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އެތައް ރިޕޯޓްތަކެއް ނެރެފައިވާ ކަމަށާއި އެގޮތުން 1 ފެބުރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުދު ސުޕްރީމް ކޯޓުގެ މައްޗަށްވެސް އެކި ސިފަސިފައިގައި އެކި މިންވަރަށް ނުފޫޒު ފޯރާފައިވާކަން އެނގެން އޮންނަކަމަށް ރިފްއަތު ވިދާޅުވިއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި އިތުރަށް ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ސުޕްރީމް ކޯޓުގެ ކޮންމެ އިސްނެގުމަކަށްވެސް ފަނޑިޔާރުގެ އިސްލާހުކުރުމަށް ދޭންވާ ކޮންމެ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.