ޚަބަރު

ދާއިރާތަކުގައި މެމްބަރުން ގާއިމުކުރާ އޮފީސްތައް ހިންގުމުގެ އިންތިޒާމުތައް ގަވާއިދުގައި ހިމެނިގެންދާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މެމްބަރެއްގެ ދާއިރާތަކުގައި ގާއިމުކުރާ އޮފީސްތައް ހިންގުމުގެ އިންތިޒާމުތައް މަޖިލީހުގެ ގަވާއިދުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ގާއިމްކުރާ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ރަޝީދު ވިދާޅުވީ އިތުރު ހަރަދުތަކެއް ނުގޮސް، އަދި ފަސޭހައިން ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަކަށް ރައްޔިތުންނާއި މެމްބަރުންނާ ބައްދަލުކުރެވޭނެ އިންތިޒާމު މަޖިލީހުގެ ހިންގާ ގަވާއިދުގައި ހިމެނިގެންދާނެ ކަމަށެވެ.

"މިހާރު މިދަނީ މަޖިލީހުގެ ގަވާއިދު އިސްލާހުކުރެވެމުން. އެ ގަވާއިދުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހިމެނިގެންދާނެ މި އޮފީސްތައް ހިންގުމުގެ އިތުރު އިންތިޒާމުތަކުގެ ވާހަކަތައް. ހާއްސަގޮތެއްގައި އެއް ރަށަށް ވުރެ ގިނަ ރަށްރަށް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެންމެ ރަށެއްގައި އޮފީހެއް ހުޅުވުމުން އެއީކީ އަދި އެ މެމްބަރުގެ ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހުނީއެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ދާއިރާގެ މެމްބަރަށް އެހީތެރިވެދެއްވުން ހިމެނިދާނެ ކަމަށެވެ.

"އަދި އެއީ ސިވިލް ސާވިސް އިން ކޮން އުސޫލަކުން، ކޮން ހަމައަކުން ކުރައްވާންވީ ކަންތައްތަކެއްތޯވެސް، މިދެންނެވި މައިގަނޑު އަމާޒުތައް، އަދި މައިގަނޑު ނުކުތާތައް، އޮނިގަނޑު އިރާދަކުރެއްވިއްޔާ މަޖިލީހުގެ ހިންގާ ގަވާއިދުގެ ތެރޭގައި ހިމެނިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ފައްޓަވައިދެއްވީ ސިލްސިލާއެއް ކަމަށާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އެމްޑީޕީގެ މެމްބަރުންގެ އޮފީސްތައް ދާދި އަވަހަށް ހުލުވިގެންދާނެ ކަމަށެވެ. އަދި ލަސްތަކެއް ނުކުރައްވައި، ވީހާވެސް އަވަހަކަށް ގިނަ މެމްބަރުން އެ މެމްބަރުންގެ ދާއިރާތަކުގައި އޮފީސްތައް ހުޅުއްވެވުމަށް ރައީސް ނަޝިދު ވަނީ އެދިވަޑައިގެންފައެވެ.