މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން، އެމްއެމްޑަބްލިއުއެމް އިމްޕެކްޓް އޮކްޝަނެއް ފަށައިފިއެވެ.
މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ އޮކްޝަންއެވެ. މި އޮކްޝަންގެ ދަށުން ހުނަރުތަކާއި، ހިދުމަތްތަކާއި، ހާއްސަ ތަޖުރިބާތައް ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިވެދޭ ކަންކަމަށް ބަދަލުކުރެވޭނެއެވެ.
މި އޮކްޝަނުން ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ސީދާ ފައިސާގެ އެހީ ނުދީ އިފްތާރު ކާނާއާއި އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"އަހަރުން އަހަރަށް އަޅުގަނޑުމެންނަށް ލިބޭ ކާނާގެ އަދަދު އިތުރުވަމުންމުން އައިސްފައިވޭ. އެކަމަކު މިއަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެ އަދަދު މަދުވަމުންދާ މަންޒަރު،" އެމްއެމްޑަބްލިއުއެމްގެ ރައީސް ޑރ. މިނާހު ފާއިޒް ރަޝާދު ވިދާޅުވިއެވެ.
"އާންމު ގޮތްތަކުން ފަންޑު ހޯދުން އިތުރަށް އުނދަގޫވަމުންދާތީ، އަޅުގަނޑުމެންނަށް އާ ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ އުފެއްދުންތެރި ހައްލެއް ބޭނުންވެފައިވަނީ. މި އޮކްޝަނުން ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް އެމީހުންގެ އަތުގައި މިހާރުވެސް ހުރި އެއްޗެއް ހުށަހަޅައިގެން އަޅުގަނޑުމެންގެ މަގުސަދަށް އެހީތެރިވެވޭނެ. އެއީ ހުނަރެއް، ހިދުމަތެއް ނުވަތަ ހާއްސަ ތަޖުރިބާއެއް ކަމުގައިވިޔަސް، އެއްވެސް މާލީ ބުރައެއް ނެތި އެކަން ކުރެވޭނެ،"
މި އޮކްޝަނުގައި ބައިވެރިވުމަށް އެމީހެއްގެ ހުނަރު، ހިދުމަތް ނުވަތަ ތަޖުރިބާ އޮކްޝަނަށް ހުށަހެޅުމަށް އެމްއެމްޑަބްލިއުއެމްގެ ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް އެމްއެމްޑަބްލިއުއެމް އިން އެދެއެވެ. ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ދުވަހަކީ މާދަމާއެވެ.