ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށްފި

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު، މަގާމުން ވަކިކޮށްފިއެވެ.

ސަރުކާރުގެ އޮފިޝަލަކު "ވަން"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، މައްސަލައަކާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވާ އިރު، އެމީހުންގެ ތެރޭގައި ޝަމްއާން ހިމެނޭކަން މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.

މީގެ ކުރިން ވެސް އިމިގްރޭޝަން ބައެއް އޮފިސަރުން ބިދޭސީން އަތުން ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ. އެކަމުގައި އިމިގްރޭޝަންގެ ބައެއް އިސް އޮފިސަރުންގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތުކުރެވިފައިވާ އިރު، މީގެ ކުރިން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ވެސް ފަށައިފައެވެ.