ޚަބަރު

ތިނެއް ނޮވެމްބަރުގެ ޝަހީދުންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ދެނީ

މުހައްމަދު އިޝާން

ތިނެއް ނޮވެމްބަރުގައި ޝަހީދުވި މީހުންގެ އާއިލާތަކުގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި 2024 ނޮވެމްބަރު ތިންވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގައުމުގެ ދިފާއުގައި ޝަހީދުވި ދިވެހީންގެ އާއިލާތަކަށް މިއަހަރު އެލަވަންސެއް ދޭން ފަށައި، އެ އާއިލާތަކަށް ހާއްސަ ހައުސިން މަޝްރޫއެއް ހިންގާނެ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އަށް ސިފައިންގެ ބޭކަލުންނާއި 11 އާންމު ރައްޔިތުންނާއެކު ޖުމުލަ 19 ދިވެހިން ޝަހީދުވެފައިވާ ކަމަށާއި 1979 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އެކިފަހަރުމަތިން ޝަހީދުވެފައިވާ މީހުން އަދަދު ހޯއްދަވާފައިވާނެ ކަމަށެވެ.

އެގޮތުން މިދިޔަ 40 އަކަށް އަހަރުގެ ތެރޭގައި އެކި ހާދިސާތަކުގައި ސިފައިންނާއި ފުލުހުންގެ ދެ މީހަކާއި އާންމުންނާއެކު ޖުމުލަ 29 މީހަކު ޝަހީދުވެފައިވާ ކަމަށާއި އެހެން ނަމަވެސް ސަރުކާރަށް އެމީހުންގެ އާއިލާތަކަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ. ޝަހީދުވި މީހުންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދިން ނަމަވެސް، ފަހަކަށް އައިސް އެކަމަށް ވެސް ވަނީ ހުއްޓުމެއް އައިސްފައި ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ޝަހީދުވި އާއިލާތަކަށް ހާއްސަކޮށްގެން ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓު ހިމެނޭ ހައުސިން އިމާރާތެއް މި ދައުރުގެ ތެރޭގައި އަޅައި ނިންމައި، އެ އާއިލާތަކަށް ހަވާލުކުރައްވާނެ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ވަނީ "ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު" ގެޒެޓުކޮށްފައެވެ.

އެ އުސޫލުގައިވާ ގޮތުން މާލީ އިނާޔަތް ހައްގުވާ ދެ ފަރާތަކަށެވެ. އެއީ 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކެވެ.

ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ހިދުމަތް ފާހަގަކޮށް އިނާޔަތް ދޭނީ އެ ޝަހީދުންގެ އާއިލާތަކަށް ކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ. ޝަހީދުވި މީހާގެ އާއިލާކަމުގައި ބަލާނީ، މައިންބަފައިންނާއި އުފަންދަރީންނާއި ހުވަފަތްވި އަނބިމީހާ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. 3 ނޮވެންބަރުގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާ) އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9,000 ރުފިޔާ ދޭންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލުގެ ސަބަބުން ހަނގުރާމަ ކާމިޔާބުވުމަށް މަގުފަހިކޮށްދިންކަން ފާހަގަކޮށް، ހުރަވީ ރަން މެޑެލި ދީފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށް 9،000 ރުފިޔާ ދޭންވާނެއެވެ.

އަދި ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހުރަވީ ރިހި މެޑެލި ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު ކޮންމެ މަހަކު 8،000 ރުފިޔާ ދޭންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި ދައްކުވައިދިން ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6،000 ރުފިޔާ ލިބިދޭން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އުސޫލުގައިވާ ގޮތުން ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތް ދެވޭނީ އެ ފަރާތެއް ދުނިޔޭގައި ދެމިހުރި ދުވަސްތަކުގައެވެ. އެ އިނާޔަތް ލިބެމުންދާ ފަރާތެއް މަރުވެއްޖެ ނަމަ، އިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެ ކަމަށާއި އެ އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެ ނަމަ، އެކަން އެއް މަސްދުވަހުގެ ތެރޭގައި ޑިފެންސް މިނިސްޓްރީއަށް އަންގަންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

"ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު" ގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ކެބިނެޓުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އުސޫލަށް އިސްލާހެއް ގެނެވޭނީ ކެބިނެޓުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.