ޚަބަރު

އުޅަނދުތައް ދުއްވާ މީހުން، ހިނގާ މީހުން ހުރަސްކުރުމަށް ޖާގަދިނުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

އަލީ އިހްސާން

އުޅަނދުތައް ދުއްވާ މީހުން، ހިނގާ މީހުން ހުރަސްކުރުމަށް ޖާގަދިނުމަށް ނައިބް ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ހަވީރު އެއް ނަންބަރު ފާލަން ސަރަހައްދުގައި ބޭއްވި 'ރޯޑް ސޭފްޓީ އެވެއަރނަސް ކެމްޕޭން' ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކަފިހި ހުރަސްތަކުން ހުރަސް ކުރާ ފަރާތްތަކަށް ޖާގަދިނުމަށާއި ސައިކަލާއި ކާރު ފަދަ އުޅަނދު، ހިނގާ މީހުން ހުރަސްކުރުމަށް ޖާގަދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ހިނގާ މީހުންވެސް ކިތަންމެ ހަނި މަގަކުން ވިއަސް ދުވާރުން ހިނގުމަށް އިސްކަންދެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.

މީގެ އިތުރުން އުޅަނދުތައް ދުއްވުމުގައި ޒުވާނުން އިތުރު ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ކަފިހި ހުރަހަކުން ހުރަސްކުރަނިކޮށް އެއްޗަކުން އައިސް ޖެހި އެމީހެއްގެ ހާލަތު ބަދަލުވެގެން ދިޔުމަކީ މިއަދު އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް އަޅުގަނޑުމެން ގަބޫލުކުރާ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން،" އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވިއެވެ.

ކުޑަކުދިން ގޮވައިގެން މަގުތަކުގައި ހިނގާއިރު، އަދި ކުޑަކުދިން ގޮވައިގެން ސައިކަލު ދުއްވާއިރު ވަކިން ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.