ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނޫސްބަޔާން ނެރުއްވާތީ، ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އެ މައްސަލަ ބެލުމަށް ނިންމާފައި މިވަނީ، އެ ކޮމިޝަނުން މައްސަލަތައް ބަލާތީ އެކަމާ ގުޅޭގޮތުން އަޒްމިރަލްދާގެ ގާނޫނީ ވަކީލުން ނޫސްބަޔާންތައް ނެރެމުންދަނިކޮށެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ނޫސްބަޔާންތައް ނެރޭ މައްސަލައިގައި، އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ޖޭއެސްސީން އެ މައްސަލަ ބެލުމަށް ނިންމާފައިވާ އިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މާދަމާ އެ ކޮމިޝަނަށް ހާޒިރުވާން ވެސް ވަނީ އަންގައިފައެވެ.
ޖޭއެސްސީން ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
ޖޭއެސްސީގެ އޮފިޝަލް ވިދާޅުވީ ދެ ފަނޑިޔާރުންނަށް ޗިޓް ފޮނުވާފައިވަނީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި މައްސަލައިގެ ތަހުގީގާ ގުޅިގެން ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް މީގެ ކުރިން ވެސް ޖޭއެސްސީން ވަނީ އެ ދެ ފަނޑިޔާރުން ހާޒިރުކޮށްފައެވެ. އެފަހަރު އެ ދެ ފަނޑިޔާރުންނަށް ޗިޓް ފޮނުވާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު ޖޭއެސްސީއަށް ހާޒިރުވުމަށެވެ. ނަމަވެސް އެ ދުވަހު ޖޭއެސްސީއަށް ހާޒިރުކޮށްފައިވަނީ ފަނޑިޔާރު މަހާޒް އެކަންޏެވެ. އެ ދުވަހު ޖޭއެސްސީން ވަނީ މިމަހުގެ 10 ވަނަ ދުވަހު ޖޭއެސްސީއަށް ހާޒިރުވުމަށް ފަނޑިޔާރު އަޒްމިރަލްދާއަށް އަންގައިފައެވެ. ދެ ފަނޑިޔާރުން ވެސް ވަނީ އެ ދެ ބޭފުޅުންނަށް ޖޭއެސްސީން ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ. ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވަނިކޮށް ސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އޭސީސީން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.
ޖޭއެސްސީން ވަނީ ކުރިމިނަލް ކޯޓުގެ ދެ ގާޒީއެއް ކަމަށްވާ ގާޒީ އިބްރާހިމް ޒިހުނީ އަދި ގާޒީ ސަފްއަތުގެ ބަޔާން މިމަހުގެ ކުރީކޮޅުގެ ތެރޭގައި ނަގައިފައެވެ. އެ ދެ ގާޒީން ވަނީ އޭސީސީއަށް ވެސް ހާޒިރުކޮށް މައްސަލައާ ގުޅިގެން ބަޔާން ނަގައިފައެވެ. އިތުރު ގާޒީއެއްގެ ބަޔާން ވެސް އެ ދެ ކޮމިޝަނުން ވަނީ ނަގައިފައެވެ.