ޚަބަރު

ރާއްޖޭގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހެދުމަށް އަޒުމު ކަނޑައަޅަން ޖެހޭ: ނައިބު ރައީސް

އަލީ އިހްސާން

ރާއްޖޭގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހެދުމަށް އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މިއަދު ހަވީރު އެއް ނަންބަރު ފާލަން ސަރަހައްދުގައި ބޭއްވި 'ރޯޑް ސޭފްޓީ އެވެއަރނަސް ކެމްޕޭން' ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ހުރިހާ ގޮތަކުންވެސް ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުގައާއި ހާއްސަކޮށް މާލޭގެ މަގުމަތީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުން އަންނަ މިދުވަސްވަރު މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަދު މި ފެށި ހަރަކާތަކީ ވަރަށް މުހިންމު ހަރާކާތެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިއަހަރާއި ވޭތުވެދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ އެކްސިޑެންޓުތަކެއް ހިނގާފައިވާ ކަމަށާއި އެކްސިޑެންޓުތަކުގައި ގިނަ ބަޔަކު ދުނިޔެއާއި އަލްވަދާއު ކިޔާ އެތައް ބަޔަކު ނުކުޅެދޭ މީހުންނަށް ބަދަލުވެފައި ތިބި ކަމަށެވެ. މިއީ އެންމެހައި ދިވެހިރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށާއި އެކްސިޑެންޓުތަކަކީ ކޮންމެވެސް މީހެއްގެ އިހުމާލުން ދިމާވާ ކަމެއްކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދުއްވުމުގައި ސަމާލުކަން ދިނުމަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.