ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދިޔަ "ރައީސްގެ ޖަވާބު" ސިލްސިލާއަށް ސުވާލު ހުށަހަޅަން ހާއްސަ ޕޯޓަލްއެއް ހަދައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
ކޮންމެ ދުވަހަކު ކޮންމެވެސް ރައްޔިތެއްގެ ސުވާލަކަށް ޖަވާބުދެއްވުމަށް އަމާޒު ހިފައިގެން ރައީސްގެ ޖަވާބު ފެށީ ފެބްރުއަރީ 2024 ގައެވެ. އެ ސިލްސިލާގައި އޭރު ސުވާލުކުރަމުން ދިޔައީ ރައީސް އޮފީހުގެ މީޑިއާ ޓީމުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުސަތު ދީގެން ކަމަށެވެ. އެ ސިލްސިލާގެ ވީޑިއޯއެއް އެންމެފަހުން އާންމު ކުރީ މިދިޔަ އޭޕްރިލް 7، ގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް އޮފީހުގެ މީޑިއާ ޓީމުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސްއާ ސުވާލުކުރަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދެވެމުން ނުދާ ކަމަށެވެ.
އެހެންވެ ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ ވަގުތީގޮތުން އޭރު މެދުކަނޑާލީ ކަމަށް ބުންޏެވެ.
ރައީސް އޮފީހުން މިހާރު ވަނީ "ރައްޔިތުންގެ އަޑު"ގެ ނަމުގައި ޕޯޓަލްއެއް ހަދައިފައެވެ. އެ ޕޯޓަލްއަށް https://citizensvoice.gov.mv މެދުވެރިކޮށް، ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ބޭނުން ކުރެވޭނެއެވެ.
ރައީސް އޮފީހުން ބުނީ، "ރައްޔިތުންގެ އަޑު" ޕޯޓަލްގެ ސަބަބުން ކޮންމެ ވަގުތަކު ރައީސަށް ހުށަހަޅަން ބޭނުންވާ ކޮންމެ ސުވާލެއްވެސް ވަގުތުން ހުށަހެޅޭނެ ކަމަށެވެ.