ޚަބަރު

މަޖިލިސް ކޮމިޓީތަކަށް މީހުން ހާޒިރުކުރަން ދޭ ނޯޓިސްގެ މުއްދަތު ކުރުކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

އެކި ކަންކަމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރަން ދޭ ނޯޓިސްގެ މުއްދަތު ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށް މިގޮތަށް ގަވާއިދު އިސްލާހު ކުރަން ހުށަހެޅުއްވީ، މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރުއެވެ.

ނަސީރު އިސްލާހު ހުށަހަޅުއްވާފައި ވަނީ، ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އާއި (އ) އަށެވެ.

އެ މާއްދާގެ (ރ) ގައި މިހާރު އޮންނަނީ، މަޖިލިސް ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރު ކުރެވޭނ،ީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރު ކުރުމަށް ނިންމާ ތާރީހާއި ހާޒިރުވުމަށް ތާވަލުކުރާ ތާރީހާ ދެމެދު، ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން، ސާފު ފަސް ދުވަސް ދިނުމަށް ފަހުގައި ކަމަށެވެ. އަދި (އ) ގައި ބުނަނީ މި ގަވާއިދުގައި މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް އެދެވޭނީ އެ ކަމަކަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން ސާފު ފަސް ދުވަސް ދިނުމަށް ފަހުގައި ކަމަށެވެ.

އެ މާއްދާތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެ ދެ އަކުރުގައި ވެސް ހިމެނޭ މުއްދަތު ފަސްދުވަހުން ތިން ދުވަހަށް ކުރު ކުރުމަށެވެ.

އެގޮތަށް ގަވާއިދަށް ގެނައި ބަދަލު މަޖިލީހުން މިއަދު ފާސްުކުރީ މަޖިލީހުގެ އާއްމު ކޮމިޓީން އެ މައްސަލަ ދިރަސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.