ޚަބަރު

ފަސްޓް ނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަންގެ ސީސީއޯއަކަށް ވިސާމް

ފަސްޓް ނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަންގެ (އެފްއެންއެފްސީ) ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް, ރަޖިސްޓް އޮފް ކޮމްޕެނީސްގެ މަގާމުން މި ފަހުން އިސްތިއުފާ ދެއްވި މަރިޔަމް ވިސާމް އައްޔަނުކޮށްފިއެވެ.

ރަޖިސްޓް އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވީ މި މަހުގެ އެއްވަނަ ދުވަހެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ތެރޭގައެވެ.

އެފްއެންއެފްސީގެ ބޯޑުން އެ ކުންފުނީގެ ސީސީއޯއަކަށް ވިސާމް އައްޔަނުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއާއެކު އެ ކުންފުނީގެ ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން އޭނާއަށް ވަނީ މަތިވެފައެވެ.

ވިސާމަކީ ވިޔަފާރި އަދި މާކެޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ވިސާމް ވަނީ މީގެ ކުރިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ޓެކްނިކަލް ކޮމިޓީގެ ޗެއާގެ މަގާމުވެސް ފުރުއްވައިފައެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)ގެ ބޯޑުގައި ވެސް އޭނާ ހިދުމަތް ކުރައްވާފައިވެއެވެ.

އެފްއެންއެފްސީއަކީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިސްކޮށް ހުންނަވައި 2021 ވަނަ އަހަރު އުފެއްދެވި މާލީ ހިދުމަތްދޭ އަމިއްލަ ކުންފުންޏެކެވެ.