ހުތުރުކޮށް ބޭރުކުރުމުގެ ކުރިން މަގާމުން އިސްތިއުފާ ދޭން ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ ދައުވަތަށް ރާއްޖެ ވަޑައިގެންނެވި ބޭރުގެ ކޮންސަލްޓަންޓް އަންގާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިސްލާހުކުރުމަށް މުހިންމު މަސައްކަތްތަކެއް، އިލްމީ އަދި ފަންނީ ފެންވަރުގައި ކުރެވިފައި ވަނިކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން ޝަރުއީ ދާއިރާގެ އިސްލާހުކުރުމުގެ ނަމުގައި ދިރާސާއެއް ކުރުމަށް ނިންމައި، ދެކުނު އެފްރިކާގެ ބޭފުޅެއް ގެނައި ކަމަށެވެ.
ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ރާއްޖެ ގެންނަވައި، ކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދުމުން 29 މެއި 2019ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ރިޓަޔާޑް ޖަސްޓިސް ކްލީގްލަރއާ ބައްދަލުކުރައްވާފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"މި ދެންނެވި ބައްދަލުވުމުގައި ޝަރުއީ ދާއިރާގެ ހާލަތު ހުރި ގޮތާއި ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރެވުނެވެ. މިގޮތަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިސްލާހުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވެމުންދާ އެކްޝަން ޕްލޭނުގެ މައުލޫމާތުވެސް ރިޓަޔާޑް ޖަސްޓިސް ކްލީގްލަރއާ ހިއްސާކުރެވުނެވެ..، ސުޕްރީމް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ އިހުލާސްތެރި ހެޔޮ ނިޔަތުގައި މި ކަންކަން ހިއްސާކުރުމުން މިއިން އެއްވެސް ކަމަކާ މެދު މަޝްވަރާކުރެއްވުމުގެ ބަދަލުގައި ރިޓަޔާޑް ޖަސްޓިސްގެ ވާހަކަފުޅުގައި ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި ހުތުރުކޮށް އަދި އިހާނެތޮކޮށް ފަނޑިޔާރުން ބޭރުކުރުމުގެ ކުރިން މަގާމު ދޫކޮށްލުން ގޮތެއް އިހުތިޔާރު ކުރުން ރަނގަޅުވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"ގާނޫނުއަސާސީ ބަދަލުކޮށްގެން ވިޔަސް ފަނޑިޔާރުން އަލުން އެކުލަވާލާނެ ކަމަށާއި ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބެނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެ ކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ވަރަށް ޞަރީހަ އިބާރާތުން ވަނީ ބިރުދައްކަވައި އިންޒާރު ދެއްވައިފައެވެ..،" ސުޕްރީމް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އިހުޞާޞާއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާން ޖެހޭނީ ޕްރޮފެޝަލްކަމާއި މިނިވަންކަމާއެކު ފަންނީ ލަފާދިނުން ކަމަށެވެ.