ޒަމާނުއްސުރެ ދިވެހިންނަކީ އީދު ދުވަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް އީދު ދުވަހު ކައިބޮއި އުޅެނީ މީރު ކޮށެވެ. ތަފާތު މީރު ކެއުމެއް ތައްޔާރުކުރެވޭތޯ ކޮންމެ މީހަކުވެސް ބަލައެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
ނަމަވެސް ދިވެހިންނަކީ ތަފާތު ބާވަތްތަކުގެ ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އެގޮތުން ޑިނގާ ފްރައިޑް ރައިސް އަކީ ވެސް ރޯދަމަހު ހާރުދަމަށް ތައްޔާރުކޮށްލަން ރަނގަޅު ކެއުމެކެވެ.
ބޭނުންވާ ތަކެތި:
3 ޖޯޑު ހުދު ބަތް
1 ޖޯޑު ޑިނގާ (ސާފުކޮށްފައި)
1/2 ޖޯޑު ކުކުޅު މަސް (ކައްކާފައި)
3 ފިޔާ (ކޮށާފައި)
3 ސަމުސާ ތެޔޮ
1 ސަމުސާ މުގުރި މިރުސް
1 ސަމުސާ ސޯޔާ ސޯސް
1 ގިތެޔޮ މިރުސް
4 ބިސް
2 ލޮނުމެދު (ގާނާފައި)
ރާނބާފަތް
ހިކަނދިފަތް
ލޮނު
ތައްޔާރުކުރާނެ ގޮތް:
ތަވާ އުނދުންމައްޗަށް އުދާލާފައި ތެޔޮ ފޮދު ހޫނުވުމުން ފިޔާ، ގިތެޔޮ މިރުސް، ހިކަނދިފަތް، ރާނބާފަތް، އަޅައިގެން ދޭފަތުން ހާކާށެވެ. ފިޔާކޮޅު މޯޅިވުމުން މަސް، ޑިނގާ، ލޮނުމެދު، ލޮނު، އަދި ބިސް އަޅައިގެން ރޯފިލަންދެން މަޑުގިނީގައި ކައްކާށެވެ. ރޯފިލުމުން ބާކީހުރި ހުރިހާބާވަތްތައް އަޅައި ރަގަޅަށް އެއްކުރުމަށްފަހު ބަތް އަޅައިގެން ރަނގަޅަށް ދޭފަތުން ހާކަމުން ލޮނު ހެޔޮވަރުކޮށްފައި ބަތްކޮޅު އެއްކޮށްލާށެވެ.