ސުޕްރީމް ކޯޓުގެ އަދަދު މަދުކުރަން "ދިވެހިރައްޖޭގެ ކޯޓުގެ ގާނޫނަށް" އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވަގުތުން ބޭރު ކުރުމަށް ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުސޫގު ގޮވާލައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ފޮނުވީ، ހުސްވި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
އެބިލް ފާސްކުރި ދުވަހު ވެސް އެއީ ގާނޫނުއަސާސީއާ ތައާރަޒުވާ ބިލެއް ކަމަށް ވިދާޅުވެ ޕީޖީ ގްރޫޕުގެ ނިންމުމާ ހިލާފަށް އަޒާން އެބިލް ފާސްކުރަން ވޯޓެއް ނުދެއްވައެވެ.
އެކަމާ ގުޅިގެން ޕީއެންސީން އަޒާނަށް ބައެއް ފިޔަވަޅުތައް ވަނީ އަޅައިފައެވެ. އޭގެތެރޭގައި މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވަކިކުރުން ހިމެނެއެވެ.
މި ބިލްގެ ބަހުސްގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފު ބައެއް މާއްދާތައް މި ބިލްގައި ހިމެނޭ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ލަފާދެއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ބިލު މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރައްވަން ފޮނުވިފަހުން، ބިލްގެ ބައެއް މާއްދާތަން ގާނޫނުއަސާސީއާ ހިލާފު ކަމަށް ދައުލަތުގެ ބަންޑާރަނައިބު ރައީސަށް ލަފާ ދެއްވައިފައިވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
"އެހެންވީމަ މި ބިލަސް ވާންޖެހޭ ގޮތް ވަރަށް ސާފު، މި ބިލް އަޅުގަނޑަށް ފެންނަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލަން،"
އަޒާން ވިދާޅުވީ ކޯޓުތަކާއި ފަނޑިޔާރުގެ އިސްލާހު ކުރަން ޖެހޭ ކަން އޭނާ އާއި ދިވެހި ރައްޔިތުންވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ކަމެއް ކުރާއިރު އެކަމެއް ކުރަން ޖެހޭނީ އެއްވެސް ބަޔަކަށް ފާޑު ނުކިޔޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ވެރިކަންތަކުން އަވަސްއަރުވާލައިގެން ފަނޑިޔާރުގެއާ ކުޅެފައިވާކަން ފާހަގަ ކުރައްވައި އަޒާން ވިދާޅުވީ، އެކަންތައްތައް ތަކުރާރު ކުރަން ނުޖެހޭ ކަމަށެވެ.
"ހާއްސަކޮށް މި ދަނޑިވަޅަކީ ރާއްޖެ ބޭރުގައުމުތަކުގެ އެހީއަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއް. ބޭރު ގައުތަކާއި ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަން ނުހަންނު ބޭނުންވެފައިވާ ދަނޑިވަޅެއް. އަންނަ އަހަރު އެއް ބިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ އެކަންތައްތައް ކުރެވޭނީ ބޭރުގައުމުތަކުގެ އެހީތެރިކަމާއެކު،"
ހާއްސަކޮށް ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރޭޓް ކުރާއިރު، ފަނޑިޔާރުގެ އާއި އެމްއެމްއޭ ފަދަ ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާ އެކު ފަންކްޝަން ކުރާތަން ބައިނަލް އަގުވާމީ ކުރެޑިޓް އެޖެންސީތަކުން ވަރަށް ބަލާ ކަމަށްވެސް ވިދާޅުވިއެވެ.
މިގޮތަށް އަވަސް އަރުވާލައިގެން ފަނޑިޔާރުގެ އާއި އެމްއެމްއޭ ފަދަ މުއައްސަސާތަކާ ކުޅެންވެއްޖެނަމަ، ދެން ކްރެޑިޓް ރޭޓިން ދޭއިރު ޑީ ރޭޓިންއެއް ދީފިނަމަ، ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ޕްރޮޖެކްޓްތައް ހިންގަން ވެވަޑައިގެންނެވި ބޮޑެތި ވައުދުތަކަކާ އެކު، އެހެން ގޮތަށް ވެއްޖެނަމަ އެކަންތައްތަކަށް ހުރަސް އެޅޭނެ، ބޭރުން މި ލިބެންޖެހޭ ފައިނޭންސް ނުލިބިޖެއްޔާ. ވީމާ މިފަދަ ކަންތައް ކުރާއިރު އަވަސްއަރުވާލައިގެން ޖަޒުބާތުގައި ޖެހިގެންކުރާ ކަންތައްތަކުން ގެއްލުން ލިބޭ. އެހެންކަމުން މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު ގޮވާލަނީ މި ބިލް ވަގުތުން ވަގުތަށް ބޭރު ކުރަން،" އަޒާން ވިދާޅުވިއެވެ.