އިބްރާހިމް ޒަކީ
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕީޖީގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕީޖީ ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެކަމަށް ވަނީ ގޮތެއް ނިންމައިފައެވެ.
ކޯޓުުން ބުނެފައިވަނީ އަދީބުގެ މައްޗަށް ދައުވާއެއް ހުށަހެޅިފައި ނެތް ކަމަށެވެ.
ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށް، އެ މުއްދަތުގައި ބަންދުގައި ބަހައްޓަން އެދޭ ނަމަ އެކަމަށް ދަށު ކޯޓުގައި އެދެވިދާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ.
ހުސްވި ހަފްތާގައި ކްރިމިނަލް ކޯޓުން ވަނީ ލޯންޗުކޮޅުގެ މައްސަލަ ވެސް ހިމެނޭ ގޮތުން އަދީބަށް ދައުވާކުރާ އެހެން މައްސަލަތައް އަނބުރާ ފޮނުވާލަން ނިންމައިފަ އެވެ. ނަމަވެސް، އެ މައްސަލަ އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެއް ނުވެއެވެ.