ޚަބަރު

އާ 5 ކޮމިޓީއާއެކު މަޖިލީހުގައި ދާއިމީ 17 ކޮމިޓީ އެކުލަވާލަން ނިންމައިފި

އިބްރާހިމް ޒަކީ

މުޅިން އަލަށް އުފައްދާ 5 ކޮމިޓީއާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދާއިމީ 17 ކޮމިޓީއެއް ބާއްވަން މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުން، މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާ މިއަދު ވިދާާޅުވީ، ދާއިމީ އާ ފަސް ކޮމިޓީއެއް މިފަހަރު މަޖިލީހުގައި ހިމެނުމަށް ގަވާއިދު ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ.

"މަޖިލީހުގައި 17 ދާއިމީ ކޮމިޓީ އުފެއްދުމަށް ގަވައިދު ކޮމިޓިން ވަނީ ނިންމައިފަ. އޭގެ ތެރެއިިން އިތުރު މިވަނީ އާ ކޮމިޓީތަކެއް، އޭގެ ތެރޭގައި ހިމެނެނީ، ލާމަރު ކަޒީ ކޮމިޓީ، ޖުޑިޝަރީ ކޮމިޓީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމިޓީ، ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީ، ފޮރިން ރިލޭޝަންސް ކޮމިޓީ" ނިއުޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގައި މަޖިލީހުގައި ހިމެނޭ ކޮމިޓީތަކުގެ ތެރެއިން ގައުމީ ތަރައްގީގެ ނަމުގައި އޮތް ކޮމިޓީގެ ނަން، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ނަމަށް ގަވާއިދު ކޮމިޓީން ބަދަލު ކޮށްފައިވާ ކަމަށެވެ.

ގަޥާއިދު ކޮމިޓީއާއެކު ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް 12 ކޮމިޓީ ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އާއްމު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އާއި ސުލޫކު ކޮމިޓީ އާއި ގަވާއިދު ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި އިޤްތިސާދީ ކޮމިޓީ އާއި އިޖްތިމާއީ ކޮމިޓީ އާއި ޤައުމީ ސަލާމަތުގެ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިތުރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި ޤައުމީ ތަރައްގީ ކޮމިޓީ އެވެ.