ޚަބަރު

މިމަހު 8ގައި މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާނެ: ނިއުޝާ

މަރިޔަމް ޝަހުދާ

މި ހިނގާ ޖޫންމަހުގެ އަށްވަނަ ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހު އަށެއްވާ ހޮނިހިރު ދުވަހުގެ އޮރުއޮއްސި 6:00ގައި ކަމަށެވެ. އަދި މި ޖަލްސާގައި ބައިވެރިވުމަށް ކެބިނެޓުގެ މިނިސްޓަރުންނާއި ރާއްޖޭގައި ގާއިމްވެ ތިބޭ ސަފީރުންނަށް ދައުވަތު ދެއްވާނެކަމަށް ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމަށް ހުއްދަ ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ހުސްވި މެއި 29ގައި ބޭއްވި ޖަލްސާގައެވެ. މޯދީ ރާއްޖެ އަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މި މަހު ހަތް ވަނަ ދުވަހުންފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުފުޅަކީ މޯދީ ދެވަނަ ދައުރަކަށް އިންތިހާބު ވުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.