މީގެ އަށް އަހަރު ކުރިން، ސްޓެލްކޯ އާއި ސެންޓާ އެންޓަ ޕްރައިސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސްޓެލްކޯއަށް ގެނަސްދިން، ފޯކްލިފްޓަކީ، 4.6 ޓަނުގެ އުޅަނދެއް ކަމަށް ސްޓެލްކޯއަށް ޝަރީއަތަށް ސާބިތެއް ނުކޮށްދެވުނެވެ.
އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން ގެނަސްފައިވަނީ 6 ޓަނު ހަމަވާ އުޅަނދެއް ނޫން ކަމަށާއި އޭގައި ހަމަވަނީ، 4.6 ޓަނު ކަމަށްބުނެ އެ އުޅަނދާ ހަވާލު ނުވެ އޭތި ގެނައި ކުންފުނިން އޭތި ގެންދިއުމަށް އެދި ސްޓެލްކޯއިން ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސްޓެލް ކޯގެ ގޯތި ތެރޭގައި އެ އުޅަނދު އޮތް ނަމަވެސް އުޅަނދާ ހަވާލު ނުވާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި އެ އުޅަނދު އެތަނުން ނެރުމަށް އުޅަނދު ގެނައި ކުންފުންޏަށް އަމުރު ކޮށްދިނުމަށްވެސް ސްޓެލްކޯއިން ކޯޓުގައި އެދިފައިވެއެވެ.
އެ މައްސަލާގައި އުޅަނދު ސްޓެލްކޯގެ ގޯތި ތެރެއިން ނެރުމަށް ސިވިލް ކޯޓުން 2015 ވަނަ އަހަރު ސެންޓާ އެންޓަ ޕްރައިސަސްގެ މައްޗަށް ހުކުމްކުރިއެވެ. ނަމަވެސް ފަހުން އެހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އެހެންކަމުން އެ މައްސަލަ ސްޓެލްކޯ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއެވެ.
ނަމަވެސް މައްސަލަ ބެއްލެވުމަށްފަހު، އެެއީ ހަ ޓަނުގެ ފޯކްލިފްޓެއްކަމަށް ހެކިތަކުން ސާބިތުވާތީ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރެން ސެންޓާ އެންޓަ ޕްރައިސަސްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށާއި އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމަށެވެ.
ފޯކްލިފްޓްގެ މައްސަލަ ސްޓެލްކޯއާ ދެކޮޅަށް ނިމުނުއިރު، އެ ފޯކްލިފްޓްގެ އަގުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސެންޓާ އެންޓަ ޕްރައިސަސް އިން ވަނީ ސްޓެލްކޯއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.