ޚަބަރު

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރަން ވޯކްޝޮޕެއް ބާއްވައިފި

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ނުވަ ދުވަހަށް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕް މިއަދު ނިންމާފައިވާއިރު ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކަން ސެންޓަރުގައެވެ. އެ ވޯކްޝޮޕަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ބޭއްވި އެފަދަ ފުރަތަމަ ވޯކްޝޮޕެވެ.

ޖުމްލަ 22 ފަރާތެއް ބައިވެރިވި އެ ވޯކްޝޮޕްގައި ގިނަ ކަންތައްތަކަށް އަމާޒުކޮށްގެން މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ޖިންސީ ފުރައްސާރަ އާއި ގެވެށި އަނިޔާ އާއި ޖެންޑަރ އަދި ސޯޝަލައިޒޭޝަންގެ އިތުރުން ބައެއް ގާނޫނުތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށް އެކަންތައްތަކާ މަޝްވަރާކޮށްފައި ވެއެވެ.

މަޝްވަރާކޮށްފައިވާ ގާނޫނުތަކުގެ ތެރޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ގާނޫނު ހިމެނެއެވެ.

ވޯކްޝޮޕް ނިންމުމުގެ ގޮތުން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލީޝާ މުހައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އާއިލާއިންނާއި މުޖުތަމައުގެ ފަރާތުން ކުރިމަތިވާ ތަފާތުކުރުންތަކާއި އިހުމާލުގެ މައްސަލަތައް ކޮންމެ މަހަކު ވެސް މިނިސްޓްރީއަށް ހުށަހަޅާ ކަމަށެވެ.

އެފަދަ އިހުމާލުތައް ހުއްޓުވުމަށް މުޖުތަމައުގެ އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ލީޝާ ވިދާޅުވިއެވެ.