(މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 15 ގައި ބާއްވަން އެކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީން ބުނިގޮތުގައި އެކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2019 ވާ ހޮނިހިރު ދުވަހުގެރޭ 9:00 ގައި ހޮޓަލް ޖެންގައެވެ.
މި ޖަލްސާގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓަރީކުރުމަށް އެދޭ ފޯމް މެދުވެރިކޮށް މިމަހުގެ 13 ވަނަ ދުވަހުގެރޭ 9:00 ގެ ކުރިން ރެޖިސްޓަރީ ކުރަންޖެހެއެވެ.
އަދި މިޖަލްސާގައި ބައިވެރިވެވޭނީ މާދަމާގެ ނިޔަލަށް އެކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އަހަރީ ޖަލްސާގައި 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާ ފާސްކުރާނެއެވެ.
އަދި 2018 ވަނަ އަހަރު އޮޑިޓްކޮށްފައިވާ، ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުމާއި ހިއްސާދާރުންނަށް ބަހާނެ ފައިދާ އާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމާނެ ކަމަށް އެމްޓީސީން ބުނެފައިވެއެވެ.
އެކުންފުނިން ބުނިގޮތުގައި މިޖަލްސާގައި 2019 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި ކުރިއަށްއޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުރާނެއެވެ.