ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާތީ މާދަމާ ހަވީރުންފެށިގެން ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ މާދަމާ ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި އާންމުގޮތެއްގައި ވައި އެންމެ ގަދަވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ކަމަށެވެ.
އެގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން މެދު ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މެދު ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް އާންމުކޮށް ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ ވިލާގަނޑުގައި ކަމަށެވެ.
އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.