ސިފައިންގެ އެކުވެރި ކުންފުނި

ސިފައިންގެ ފްލެޓްތައް ހަވާލުކުރި ކުންފުނިން 92 މިލިއަން ދައުލަތަށް ހޯދުމަށް އޭސީސީން އަންގައިފި

އިބްރާހިމް ޒަކީ

ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސަކަތް ހަވާލުކުރި ކުންފުނިން ލިބެންޖެހޭ 92 ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ، ދައުލަތަށް އަނބުރާ ހޯދުމަށް، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް އޭސީސީން އަންގައިފިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ސިފްކޯ 300 ފުލެޓްގެ ބިންގާ 2013 ވަނަ އަހަރު އަޅުއްވައި ދެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އޭރު އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޫމަޑީ ރިޒޯޓްސް އެންޑް ރެޒިޑެންސް އަދި ސިފައިންގެ ސިފްކޯއާ ގުޅިގެންނެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައި ވަނިކޮށް، ރައީސް ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

އޭސީސީން ބުނެފައިވަނީ، އެ ކުންފުނިން ސިފްކޯއަށް ދައްކަންޖެހޭ 92,570,639.27 ރުފިޔާ އަކީ ދެފަރާތުގެ ދެމެދުގައި ހަދާފައިވާ ޓަރމިނޭޝަން އެގްރީމެންޓްގެ ދަށުން، އެކުންފުނިން ސިފްކޯއަށް ހުށަހަޅާފައިވާ 3 ޕޯސްޓް ޑޭޓެޑް ޗެކް ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

އޭސީސީން ބުނެފައިވަނީ، ފްލެޓް ލިބޭ ފަރާތްތަކުން ދައްކާފައިވާ 10,635,175 ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން ދައްކާފައިވާ 115,302,079.00 ރުފިޔާއެކު، އެ ކުންފުންޏާ އެކު ހެދި އެގްރީމެންޓް ބާތިލުކުރުމާއި ހަމައަށް ސިފްކޯއިން 125,938,079.00 ރުފިޔާ އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ.

އޭގެ ތެރެއިން، އެއްބަސްވުން ބާތިލުކުރުމާ ހަމައަށް އެކުންފުނިން ކޮށްފައިވާ މަސައްކަތަށްވާ 33,367,439.73 ރުފިޔާ އުނިކުރުމުން ބާކީ ވަނީ 92,570,639.70 އެވެ.

އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ބުނެފައިވަނީ، އެ ފައިސާ ހޯދުމަށްޓަކައި ދިވެހި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ، 92,570,639.27 ރުފިޔާ އުނި ކުރުމަށްފަހު، އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާކަމަށެވެ. ހަމައެއާއެކު، ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވާނަމަ، 92,570,639.27 ރުފިޔާ ހޯދުމަށް، ޝަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް ވެސް އޭސީސީން ވަނީ ސިފްކޯއަށް އަންގައިފައެވެ.