އިބްރާހިމް ޒަކީ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް އެމްޑީޕީ ސަރުކާރުން ނެރުނު 4،000 މީހުންގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން މި ސަރުކާރުން ނެރުނު ލިސްޓުން ބާކީ ކުރި 3،119 މީހުންގެ ހައްގު ހޯދައިދޭން އެހީވުމަށްޓަކައި އެމްޑީޕީން ޕޯޓަަލްއެއް ގާއިމުކޮށްފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު މައުރޫފް ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުން، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވާ އެތައް ބައެއް އުނިކޮށްފައިވާ ކަމަށެވެ. އެގޮތުން ފްލެޓް ނުލިބޭނެ ކަމަށް ބުނެ ނުހައްގުން ޑިސްކޮލިފައި ކުރި މީހުންނާއި ފްލެޓް އެގްރީމަންޓުތަކުގައި ސޮއިކުރި ނަމަވެސް ލިސްޓުން ބާކީކުރި މީހުންގެ ހައްގުގައި ކުރެވޭނެ ކަންތައް ބެލުމަށްޓަކައި، އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ ތެރޭގައި އެއް ހާލަތެއްގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ކޯޓަށް ދާންވިޔަސް، އޭގެ ކުރިން މި މައުލޫމާތުތައް އެއްކުރަން އެބަޖެހޭ،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކަމާބެހޭ މައުލޫމާތު ހިއްސާކުރަން ފަރުމާކޮށްފައިވަނީ ވަރަށް ފަސޭހައިން ލޮގިންވެވޭނެ ޕޯޓަލްއެއް ކަމަށާއި އެއަށް އައިޑީކާޑު ފަދަ ޕާސަނަލް އެއްވެސް މައުލޫމާތެއް ހިއްސާކުރަން ނުޖެހޭނެ ކަމަށެވެ.
"ލިންކަށް ވަދެ ލޮގިންކުރުމަށް ފްލެޓްގެ ފޯމު ނަންބަރު އަދި ފޯނު ނަންބަރު ޖެހުމުން އޯޓީޕީއެއް ލިބޭނެ އެ ޖެހުމަށްފަހު ވަދެވޭނެ އަދި ވެރިފައި ކުރުމަށްފަހު އެއަށްވުރެ ދުރަށް ވަދެވި ގެދޮވެރިޔާގެ ޝަކުވާ ޕޭޖު ވެރިފައިކޮށް، ޝަކުވާ ހުށަހެޅޭނެ،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޮންލައިން ޕޯޓަލްއަކުން ޝަކުވާ ހުށަހެޅުމުގެ އިތުރުން، ހެލްޕްލައިނެއްވެސްް ގާއިމުކޮށްފައިވާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާލޭ މީހުންނަށް ބޯހިޔާވަހިކަން ދޭން ވެގެން ހިންގި 'ގެދޮރިވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބުނު 4,939 މީހުންގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، މި ސަރުކާރުން ނެރުނު ފްލެޓު ލިސްޓުގައި ހިމެނުނީ 1،820 މީހުންނެވެ.