ރައީސް އޮފީސް

ރައީސް ސޯލިހުގެ ދެކަނބަލުން އީދު ސަލާމް ކުރައްވުން، އީދު ދުވަހު ހެނދުނު މުލިއާގޭގައި

މިހިނގާ 1440 ވަނަ އަހަރުގެ ފިތުރުއީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮންނާނެއެވެ.

ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން ބުނީ، އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފިތުރުއީދު ދުވަހުގެ ހެނދުނު 9.30 ން 10.30 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ކަމަށެވެ.

އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދީންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށްވެސް ބުނެފައިވެއެވެ.

އީދު ސަލާމް ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، މުލީއާގޭ ހުޅަނގަށް އޮންނަ ދަރުމަވަންތަ މަގާއި، ޝަހީދު ހުސައިން މުހައްމަދު ހިނގުމުންނެވެ.