ޚަބަރު

ލޯންޗު ފެރީތަކަށް ހުޅުމާލެ ޓާމިނަލާއި ހެންވޭރު ޓާމިނަލް ހުޅުވާލަނީ

މުހައްމަދު އިޝާން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޮޕަރޭޓްކުރަމުން އަންނަ ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލޭ ފެރީ ޓާމިނަލް މާލެއާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ހުޅުވާލަން މިއަދު ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެގޮތަށް ނިންމާފައިވަނީ ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ހިދުމަތް ހޯދާ މީހުންނަށް މާލެއަށް އަރައިފޭބުމުގައި މި ވަގުތު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ކުންފުންޏާ ހަވާލުކުރުމުންނެވެ.

އެހެންކަމުން މާލެއާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ފަޅު ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 މާރިޗު 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން mv.com.mtcc@tsd އަށް އީމެއިލް މެދުވެރިކޮށް އަންގައިދިނުން އެދޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން އޮޕަރޭޓްކުރާ އެ ދެ ފެރީ ޓާމިނަލަކީ އެ ފަދަ ހިދުމަތްތަކަށް ފައްކާކުރެވިފައިވާ ދެ ފެރީ ޓާމިނަލަށްވުމުން އާންމު ލޯންޗު ފެރީގެ ހިދުމަތް ހޯއްދަވާ މީހުންނަށް އެ ދެ ޓާމިނަލްގެ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމުމަކީ އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

"މި ދެ ޓާމިނަލްގައި މި ހިދުމަތް ފެށިގެންދާއިރު، ރައްޔިތުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން، ކަންކަން އިންތިޒާމުވެފައި ހުރުމަކީ މި ކުންފުނިން ކަށަވަރު ކުރާނޭ ކަމެކެވެ" އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއިއެކު ނިންމައިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްޓީސީސީއަކީ މިހާރު ދިވެހި ރައްޔިތުންގެ އާންމު ދަތުރުފަތުރުގައި ވެސް އެންމެ މުހިންމު ބައިވެރިޔާ ކަމަށް އެމްޓީސީސީން ބުންޏެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވާނީ މުހިންމު ދައުރެއް އަދާކޮށްފައި ކަމަށް އެމްޓީސީސީން ބުންޏެވެ.