ޚަބަރު

އަޒުމަކަށް ހަދަންވީ ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށް ވުމަށް: ރައީސް

1

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ އަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށްވުމަށް ކަމަށާއި އޭރުން ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި، މުރާލި އަދި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ، ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ އިލްމީ ހަމަތަކެއް ކަމަށާއި ﷲ ގެ އިރާދަފުޅުން އެ ގޮތުގައި އެކަން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހީންގެ ތަރިކަތައް ޒަމާނީ ޓެކްނޯލޮޖީ އާއި އިގުތިސޯދީ ވިސްނުން ޝާމިލުކޮށްގެން، ދެމެހެއްޓެމުން، ބެލެހެއްޓެމުންދާނެ ކަމަށާއި މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް ދިވެހީންގެ ސަގާފަތް އަބަދުވެސް އިސާލާހު ކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން، ރަނގަޅު ކަންކަމަށް ތަރުހީބު ދެމުން ކުރިޔަށް ދާނެ ކަމަށެވެ.

ގައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތިން ނުވަތަ އެ ބަޔަކު ދުނިޔެ ދެކޭ ގޮތެއްގެ މަތިން ކަމަށެވެ. އަދި ހެޔޮ ނުބައި ކަނޑައެޅުމުގައި ދިވެހީން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ގައުމިއްޔަތަށް އައި އެންމެ ހެޔޮ އިންގިލާބު ކަމަށެވެ.

ރައީސް ވިދާޅުވީ، ދިވެހި ގައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ، ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިސާލާހުކުރުން ކަމަށެވެ.

ދިވެހީންނަކީ އަހުވަންތަބައެއްކަން ގަބޫލުކުރެވި، އެކަކުއަ ނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށިކަމާއި މުޅި ރާއްޖޭގައި އަމާންކަން ގާއިމުވެ، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ހައްގު ގޮތުގައި ޖިހާދުކޮށް މި ލޮބުވެތި ވަތަން މިނިވަން ކުރެވިދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ގައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައް ކަމަށާއި އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީހެއް ދުވަސްވަރެއް އެނގެން ނެތް ހައުމަކަށް ވާ އިރު، އެ ކަމުން އަންގައިދެނީ، ދިވެހީންގެ ދޮށިކަމާއި ދިވެހީންގެ އަސްލުވެހިކަމާއި ދިވެހި ދައުލަތުގެ އެވޭލާކަމާއެކު ހައިބަތާއި ހަރުދަނާކަން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟