މާލޭގައި ގަވައިދާ ހިލާފަށް ވޭޕްގެ ވިޔަފާރި ކުރަމުންގެންދިޔަ ދެ ތަނެއް ބަލާފާސްކޮށް މީހެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާއްސަ ދެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތް ކުރާ ކެފޭ ބަލައި ފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖް އާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަނގްލަދޭޝް އެމްޑީ އަބޫ ސުފްޔާން(27އ) ކަމަށެވެ.
އޭގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ ފިހާރަ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އެ ފިހާރައިން ގެންދިޔައީ ކިހާ އަދަދެއްގެ ވޭޕެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ދެ އޮޕަރޭޝަނުގައި ވެސް ފުލުހުންގެ އިތުރުން ހެލްތް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ވަނީ ބައިވެރިވެފައެވެ.
މި ދެ މައްސަލަ ތަހުގީގު ކުރަމުންގެންދާކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން 2024 ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އެ ތާރީހުން ފެށިގެން ވޭޕް ބޯ މީހުންނާއި ވިއްކާ މީހުން ޖޫރިމަނާ ކުރެވެއެވެ. އަދި މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ދީފައެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000 ރުފިޔާއިން އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.