ހުޅުމާލެ ހިތިގަސްމަގު ބްރިޖު މަތިން މޫދަށް ވެއްޓުނު މީހަކު ފުލުހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ހިތިގަސްމަގު ބްރިޖުމަތިން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ރޭ ފަތިހު 5:42 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އެޓެންޑްވެ، އެމީހާ މޫދުން ނަގާފައި ވަނީ ހެނދުނު 6:13 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ނެގުމަށްފަހު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މޫދަށް ވެއްޓުނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު، މޫދަށް ވެއްޓުނު ފިރިހެން މީހާ ސަލާމަތް ކުރީ ޓްރެފިކް ޕޮލިހުންގެ ދެ އޮފިސަރެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ.