މާލޭގެ ބާޒާރުގައި ކާށީގެ އަގު ކޮންޓްރޯލްކުރަން އެސްޓީއޯއިން އެތެރެކުރި އާ ޝިޕްމެންޓް މިރޭ ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
ރޯދަ މަސް ފެށުނު ފަހުން ކާށީގެ އަގު މައްޗަށް ދާތީ، އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން މިވަނީ މިފަހުންވެސް ކާށި ޝިޕްމަންޓެއް އެތެރެކޮށް ވިއްކައިފައެވެ. ނަމަވެސް އެ ކާށި ހުސްވުމާއެކު މާލޭގެ ބާޒާރުގައި މިވަގުތު ކާއްޓެއްގެ އަގު އުޅެނީ 65 ރުފިޔާގައެވެ.
އެސްޓީއޯގެ އޮފިޝަލަކު 'ވަން' އަށް ވިދާޅުވީ، ކާށީގެ އާ ޝިޕްމަންޓެއް މިހާރު ރާއްޖެ ގެނެސް ގުދަން ކޮށްފައިވާ ކަމަށާއި އެ ޝިޕްމަންޓް މިރޭ ވިއްކަން ފަށާނެ ކަމަށެވެ.
އެސްޓީއޯ އިން ކާށި ވިއްކާނީ ކުރިންވެސް ވިއްކި އަގަށް ކިލޯއެއް 20 ރުފިޔާއަށެވެ.