ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
ނަމަވެސް ދިވެހިންނަކީ ތަފާތު ބާވަތްތަކުގެ ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އެގޮތުން ކުކުޅު ބަޖިޔާއަކީވެސް ރޯދަ ވީއްލާ ގަޑިއަށް ވަރަށް ކަމުދާ ކެއުމެކެވެ.
ބޭނުންވާތަކެތި:
2 ޖޯޑު ކުކުޅު މަސް (ފެނު ކައްކާފައި)
1/2 ކިލޯ ފިޔާ
2 ގިތެޔޮ މިރުސް
2 ލުނބޯ
1 ސަމުސާ ހަކުރު
1 ސަމުސާ މުގުރި މިރުސް
2 ސަމުސާ މުގުރި ހަވާދު (ދިވެހި ހަވާދުވެސް ބޭނުންކުރެވިދާނެ)
2 ސަމުސާ މާޖިރިން
4 ޖޯޑު ފުށް
2 ބިސް
ހިކަނދިފަތް
1 އިންޗި ފޮނިތޮށި (ކުދިކޮށް ފުނޑުވާފައި)
2 ރާނބާފަތް ( 2 އިންޗީގެ)
1 އިންޗި އިނގުރު (ގާނާފައި)
3 ލޮނުމެދު (ގާނާފައި)
ރަހަލާ ވަރަށް ލޮނު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ ބޮޑެތިކޮށް ކޮށާށެވެ. އަދި ހިކަނދިފަތް ރާނބާފަތް، ފިޔާ، ކުޑަ ތެޔޮފޮދެއްގައި ވަޅޯކުރާށެވެ. ފިޔާކޮޅު ދެބަޔަށް ރޯފިލުމުން ބަހައްޓާށެވެ. ފިޔާ ވަޅޯކުރާއިރު ކުޑަ ގިތެޔޮ މިރުސްކޮޅެއް ލުމުން ރަހަ މީރުވާނެއެވެ. އެއަށްފަހު 1 ފިޔާ، ގިތެޔޮ މިރުސް ކޮށުމަށްފަހު ލޮނު އަދި ލުނބޯހުތް ޖަހައިގެން މޮޑެލާށެވެ. އަދި މަސް، ހަވާދު، މުގުރި މިރުސް، ހަކުރު، ލޮނުމެދު، އިނގުރު، އަދި ފޮނިތޮށި، އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ފުށް މޮޑޭށެވެ. ފުށްމޮޑޭނީ މާޖިރިން، ބިސް، އަދި ކުޑަ ލޮނުކޮޅެއް ޖަހައިގެން ހޫނުފެނުގައެވެ. ދެން ރޮށި ދަމާފައި ރޮއްޓެއް ހަތަރު ބަޔަށް ކަފާލާށެވެ. އެއަށްފަހު ބަޖިޔާ ހަދާފައި ތެލުގައި ތެލުލާށެވެ.