ޚަބަރު

ރޮހިންޔާ މުސްލިމުންގެ ހައްގުގައި ހުށަހަޅައިފައިވާ މައްސަލައަށް ރާއްޖޭން ބަޔާން ދީފި

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ ހައްގުގައި ހުށަހަޅައިފައިވާ މައްސަލައިގައި ރާއްޖެއިން ތަދައްހުލްވެ، ލިޔުން ހުށަހަޅައިފިއެވެ.

މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް އައިޖީސީޖޭއަށް މައްސަލަ ހުށަހެޅީ ގެންބިއާ އިސްވެ އޮވެ 11 ނޮވެންބަރު 2019 ގައެވެ. އެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ރާއްޖެއިން އެދިގެން ލިބުނީ މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ.

އެޓާނީ ޖެނެރްލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ތަދައްހުލުވާ އިދާރާއެއްގެ ދައުރާ އެއްގޮތްވާ ގޮތުގެ މަތިން އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ފަރާތުން މިދިޔަ ހުކުރު ދުވަހު އައިސީޖޭއަށް ލިޔުން ހުށަހަޅާފައިވާ ކަމަށެވެ.

"މި މައްސަލައަށް ތަދައްހުލުވާ ފަރާތެއްގެ ދައުރާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އޮބްޒަވޭޝަންގައި އަލިއަޅުވާލާފައިވާނީ ގަތުލު އާއްމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށެވެ. އެގޮތުން ހާއްސަކޮށް އެ މުއާހަދާގެ، 1، 4، 5 އަދި 6 ވަނަ މާއްދާގެ ދަށުން ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވާނެ،" އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން އިތުރަށް ބުނީ، ރޮހިންޔާ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށެވެ.