ޚަބަރު

ރައީސް، އިސް ރަށްވެހިންގެ ޖަމިއްޔާއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އިސް ރަށްވެހިންގެ ޖަމިއްޔާގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުކުރެއްވުމުގައި އިސް ރަށްވެހިންގެ ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައި ކަމަށެވެ. އެގޮތުން ޖަމިއްޔާ ހިންގުމަށް އޮފީސް އިމާރާތެއް ހޯދުމުގެ ދަތިކަން ހިއްސާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި އިސް ރަށްވެހިންގެ ޖަމިއްޔާގެ މެންބަރުން ވަނީ ދިވެހި މުޖުތަމައަކީ ތަހުޒީބު މުޖުތަމައަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

"އެގޮތުން ދިވެހިރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވި" ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަރުކާރުން އޮފީސް ކޮމްޕްލެކްސެއް ހަދައިދެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނިވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުގެ ތެރެެއިން އެ މަސައްކަތް ކުރިއަށްގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށްވެސް ބުންޏެވެ.