އިބްރާހިމް ޒަކީ
މި ބަރަކާތްތެރި ރޯދަ މަހުގެ ހެޔޮމަކާއި ފައިދާ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މެންބަރުންނަށް ނަސޭހަތް ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މި މަހުގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށްޓަކައި ހުރިހާ ބޭފުޅުން މަސައްކަތް ކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ. އެކަން ހަނދުމަފުޅުކޮށް އެރުވީ މުއުމިނުންނަށް ހަނދާން ކޮށްދިނުމަކީ ފައިދާކުރަނިވި ކަމެއް ކަމަށްވާތީ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މަޖިލިސް ރައީސް އިތުރަށް ވަނީ ރޯދަ މަހަކީ އެހެން ހުރިހާ މަހަކަށްވުރެ ހާއްސަވެގެންވާ މަހެއްކަމުން، އެ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްވެސް އެދިވަޑައިގެންނެވިއެވެ.
"މާތް ﷲ އަޅުގަނޑުމެންނަށް މި ދެއްވި މަތިވެރި ނިއުމަތް، އެއީ ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ނިއުމަތް މިންވަރު ކުރެއްވީމައި އެކަމަށް ޝުކުރުވެރިވުމަކީ އެ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށް ދަންނަވަން، އެކަމަށް އަދި އެއްފަހަރު ނަސޭހަތްރިވަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.