އިބްރާހިމް ޒަކީ
މީގެފަހުން ކޮންމެ ދުވަހަކުވެސް މަޖިލީހުގެ މަސައްކަތްތައް ތަރުތީބުވެފައިވާ ގޮތް، އެ ދުވަހެއްގެ ޖަލްސާގައި ހާމަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް މިހެން ވިދާޅުވީ، އެ މަޖިލީހަކީ ރައްްޔިތުންގެ މަޖިލިސް ކަމަށްވެފައި، މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައްޔިތުންނަށް ކޮންމެެހެން ސާފުވުން މުހިންމުކަން ފާހަގަކުރައްވަމުންނެވެ.
"މި މަޖިލީހަކީ ރައްޔިތުންގެ މަޖިލިސް، މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައްޔިތުންނަށް ސާފުވެފައި އޮތުމަކީ އެއީ ހަމަ ކޮންމެެހެން ވާންޖެހޭނެކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަދި އެކަމުގައި މަޖިލީހުގެ ރިޔާސަތުގައި އިން މީހެއްގެ ޒިންމާއެއްވެސް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެހެންވީމަ އެގޮތުން މީގެފަހުން މަޖިލީހުގެ އެ ދުވަހުގެ މަސައްކަތްތައް ތަރުތީބުވެފައި އޮންނަގޮތެއް ޖަލްސާގެ ކޮންމެވެސް ހިސާބަކުން ދަންނަވަމުން ގެންދާނަން،"
މަޖިލިސް ތަޅުމުގައި މިއަދު ހިނގައިދިޔަ މަސައްކަތްތައް ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އެއްގަޑިއިރާ 12 ވަރަކަށް މިނިޓް މަޖިލިސް ތަޅުމުގައި މިއަދު މަސައްކަތްތައް ކުރިއަށްދިޔަ ކަމަށެވެ.
މިއަދު މަޖިލިސް ތަޅުމުގައި ބަހުސްކުރި، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ބަލައިގަނެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައިވާކަން ފާހަގަކުރައްވައި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް މަޖިލިސް ރައީސް ކިޔުއްވައިދެއްވިއެވެ.
އެގޮތުން ބިލު ކޮމިޓީއަށް ދިއުމާއެކު، މެންބަރުން އެ ބިލަކާ ބެހޭ ދިރާސާކޮށް، ބިލާ ބެހޭގޮތުން މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް، ސަރުކާރުން ހޯދަންޖެހޭ ކަމާބެހޭ މައުލޫމާތު ހޯދުމަށްފަހު، ކޮމިޓީ މަރުހަލާ ނިންމައި މަޖިލިސް ތަޅުމަށް ބިލު ފޮނުވަނީ މެންބަރުންގެ ބުރަ މަސައްކަތުން ކަަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ އެ ހޭދަވާ ވަގުތުގައިވެސް މެންބަރުން މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާކަން ދަންނަވާލުން އަޅުގަނޑުގެ ބޭނުމަކީ،" އެ ތަފްސީލުތަކަށްފަހު މަޖިލިސް ރައީސް ވިދާޅުވިއެވެ.