ޚަބަރު

އަދީބުގެ ހުރިހާ މައްސަލައެއް އަނބުރާ ޕީޖީއަށް ފޮނުވަން ނިންމައިފި

ކުރިމިނަލް ކޯޓުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހުރިހާ މައްސަލައެއް ޢަނބުރާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

''ވަންއޮންލައިން'' އަށް އެނގިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުން އެމައްސަލަތައް ޕީޖީއަށް އަނބުރާ ފޮނުވައިލަން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. އެ މައްސަލަތައް މާދަމާ ޕީޖީއަށް ފޮނުވާނެ ކަމަށް މައުލޫމަތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުގައި އަދީބުގެ ބާރަ މައްސަލައެއް އެބައޮތެވެ. އެމައްސަލަތައް އަލުން ބަލަން ޕީޖީއަށް ފޮނުވަން ނިންމި އިރު މިދިޔަ ބުދަ ދުވަހު ހައިކޯޓުން ބާތިލުކުރި އަދީބުގެ ދެ މައްސަލައެއް އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ދެމައްސަލައަކީ ޅ. މާބިންހުރާގެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ދައުވާއެވެ.

ހުރިހާ މައްސަލަތަކެއް އަނބުރާ ޕީޖީއަށް ފޮނުވަން ކުރިމިނަލް ކޯޓުން ނިންމި އިރު މާދަމާ އެމައްސަލަތައް އަނބުރާ ޕީޖީއަށް ފޮނުވަން ނިންމާފައިވާކަން ވަނީ އެނގިފައެވެ.

އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން މިހާރު ގެންދަވަނީ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއްގެ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. މިވަގުތު އަދީބު ހުންނެވީ ގޭބަންދުގައެވެ.